Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ސުޕަހީރޯ ފިލްމު އާމިރު ދޫކޮޮށްލައިފި

ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ސުޕަހީރޯ ފިލްމު އާމިރު ޚާން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ދާދި ފަހުން ރަޖްނީކާންތާ އެކު ލޮކޭޝް ގެނެސްދިން "ކޫލީ" ގައި ވެސް ކެމިއޯއެއް ކުޅުނު އެކްޓަރު ސުޕަހީރޯ ފިލްމު ދޫކޮށްލީ ފިލްމުގެ ފައިނަލް ސްކްރިޕްޓް އެއްކޮށް ނިންމާފައި ނުވާތީ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމަށް އާމިރު އެއްބަސްވީ ލޮކޭޝް ނެރޭޓްކޮށް ދިން ޕްލޮޓް ވަރަށް ކަމުގޮސްގެންނެވެ.

ނަމަވެސް ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓަކާ ހަމައަށް ނުގޮސް، އޭގެ މަސައްކަތް ފަށާ ގޮތަށް ލޮކޭޝް ބޭނުންވާތީ އެކަމާ އާމިރަށް އެއްބަސްނުވެވިގެން ފިލްމު ދޫކޮށްލީ ކަމަށް ވެސް ހަންގާމާ އިން ބުންޏެވެ. އެ ނޫހުން ބުނީ ސުޕަހީރޯ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން ލޮކޭޝް ބޭނުން ވަނީ ޝޫޓިން ކުރިިއަށް ގެންދާ ވަރަަކަށް ސްކްރިޕްޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭ ގޮތަށް ކަމަށެވެ.

އެކަމަކު އެއީ އާމިރު ފިލްމީ މަސައްކަތް ކުރާ ގޮތް ކަމަށް ނުވާތީ އެކަމާ ރުހެވޭ ގޮތް ނުވުމުން ލޮކޭޝްއާ އެކު ސުޕަހީރޯ ފިލްމުގައި މަސައްކަތް ނުކުރަން ނިންމީ ކަމަށް ހަންގާމާ އިން ބުންޏެވެ.

ދާދި ފަހުން އާމިރު ބުނެފައިވާ ގޮތުގައި ސުޕަހީރޯ ފިލްމުގެ ޝޫޓިން ފަށަން އެ މީހުން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް މިހާރު އޭނަ ފިލްމު ދޫކޮށްލާފައިވާތީ، އެއަށް ކުރަމުން އައި މަސައްކަތްތައް ލޮކޭޝް ވެސް މަޑުޖައްސާލާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އާމިރު ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމަކީ އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭ އަށް ބިނާކޮށް ހަދަން ނިންމާފައިވާ ބައޮގްރަފިކަލް ޑްރާމާ އެވެ. މީގެ ޑައިރެކްޓަރަކީ އާމިރުގެ ބޮޑެތި ހިޓްތައް ކަމަށްވާ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެނެސްދިން ރާޖްކުމާރު ހިރާނީ އެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖޫން މަހު ރިލީޒްކުރި "ސިތާރޭ ޒަމީން ޕަރް" އެެވެ.