މާލޭގެ ފޯކަސް ކޮމްޕިއުޓާސް ފިހާރައިން އެޕަލް މެކްބުކް އެއާއެއް ވަގަށް ވަގަށް ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ވައްކަމާ ގުޅިގެން ކުރި ދައުވާ ސާބިތުވެ 7 މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ އައްޑޫ، ހިތަދޫ ބްލޫކްރެސްޓް، ހުސެއިން ޝާހްގެ މައްޗަށެވެ.
މި ވައްކަންކޮށްފައި ވަނީ މެއި 11، 2022 ގައި ފަރީދީމަގުގައި ހުންނަ ފޯކަސް ކޮމްޕިއުޓާސް ފިހާރައިންނެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޝާހު ވަނީ މެކްބުކް އެއާއެއް ވަގަށް ނެގި ކަމަށް އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް އިއްވަން އޮތީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނަ ކުށަށް އިއުތިރާފުވާތީ އަދަބުގެ އެއް ދަރަޖަ ލުއިކޮށް، އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.