ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ތިން ވަނަ ފިލްމަށް އާ ނަމަކާއި އާ ތާރީހެއް ހަމަޖައްސައިފި އެވެ.
ދެކުނުގެ ބަތަލާ ސައީ ޕައްލަވިއާ އެކު ޖުނައިދު ކުޅެފައިވާ އަސަރު ގަދަ ލޯބީގެ ފިލްމުގެ އާ ނަމަކީ "މޭރޭ ރަހޯ" އެވެ. ޖުނައިދުގެ ބައްޕަ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ކުރިން ދީފައި އޮތް ނަމަކީ "އޭކް ދިން" އެވެ.
ޖަޕާންގައި ވެސް ގިނަ މަންޒަރުތަކެއް ނަގައި، ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 12 ގަ އެވެ. "މޭރޭ ރަހޯ" ބެލުންތެރިންނަށް ގެނެސްދޭން ކުރިން ނިންމީ ނޮވެމްބަރު މަހުގެ 7 އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ސުނިލް ޕާންޑޭ އެވެ.
"މޭރޭ ރަހޯ" އަކީ އާމިރާއި މަންސޫރް ޚާން ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އޭނަ އަކީ އާމިރުގެ ފުރަތަމަ ފިލްމު 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ އިތުރުން 1992 ގެ "ޖޯ ޖީތާ ވޮހީ ސިކަންދަރު" އަދި 1995 ގެ "އަކޭލޭ ހަމް އަކޭލޭ ތުމް" ގެ ޑައިރެކްޓަރެވެ.
އާމިރާއި މަންސޫރު ގުޅިގެން "މޭރޭ ރަހޯ" މި ގެނެސްދެނީ ދެ މީހުން ހިއްސާވެގެން 2008 ގައި "ޖާނޭ ތޫ ޔާ ޖާނޭ ނާ" ގެނެސްދިންތާ 17 އަހަރު ފަހުންނެވެ. އެ ފިލްމަކީ އާމިރަށް ބޮޑުބޭބެ ކިޔާ ކުރީގެ އެކްޓަރު، އިމްރާން ޚާން ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.
"މޭރޭ ރަހޯ" އަކީ ބައްޕަ ޕްރޮޑިއުސްކޮށް، ޖުނައިދު ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ގެނެސްދިން "ލަވްޔާޕާ" އެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިދިޔަ އަހަރު ނެޓްފްލިކްސް އަށް ގެނެސްދިން "މަހާރާޖް" އެވެ.