އައްޑޫ އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއު އެއްކޮށް ނިމުމުން ވަރަށް ބޮޑު ތަފާތެއް އަންނާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިޔަފާވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެ އެވެ.
އޭނަ އަކީ މިހާރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް މޯލްޑިވްސްގެ ވެރިޔާ އެވެ.
އަބަދު ވެސް އައްޑޫގެ ވިޔަފާރި އާއި ޓޫރިޒަމްގެ ކުރިއެރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ފިރާގު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ އެއާޕޯޓްގެ އާ ޓާމިނަލާއި މަގުތަކާއި އާ އޭޓީސީ ޓަވަރާއި އާ އިދާރީ އިމާރާތާއެކު ގަން އެއާޕޯޓް މުޅިން ތަފާތު އަދި ޒަމާނީ އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"އެއީ ހަގީގަތުގައި ވެސް ރީތި އަދި އައްޑު އަށް ކުރިއެރުމާއި ފަޚުރުގެ ރަމްޒެއްގެ ގޮތުގައި އަޅުގަނޑު ދެކެން." އޭނަ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ ގަން އެއާޕޯޓަޑް އަންނަ ތަރައްގީ ތަމްސީލު ކުރަނީ، ކުރީގެ އިނގިރޭސި މަރުކަޒުގެ މާޒީގެ ވާހަކައާ މެދު މެދުނުކެނޑި ދައްކާ ވާހަކަ ފަންޑުވާނެ މަންޒަރުތަކަކާ އެކު ކަމަށެވެ. އަދި މިއީ ފަޚުރުވެރިކަމާއެކު ކުރިއަށް ދެވޭނެ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ގަން އެއާޕޯޓަށް އަންނަ ބަދަލުން އައްޑޫގެ ދަތުރުފަތުރުގެ ގުޅުން އިތުރުވެގެން ދިއުމާ އެކު ފަތުރުވެރިކަމާއި ވިޔަފާރި އާއި ސަރަހައްދީ ކުރިއެރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެން ދާނެ،" ފިރާގު ވިދާޅުވި އެވެ. "އެއީ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކެއް ގެނެސްދީ، ހަރުދަނާ އިޤްތިޞާދެއް އުފެދި، ޤައުމީ މައިދާނުގައި ވެސް އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އައްޑޫގެ ތަޞައްވުރު އިތުރުވެގެން ދާނެ ކަމެއް."
ގަން އެއާޕޯޓް ތަަރައްގީ ކުުރަމުން އަންނަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ އިފުތިތާހުކުރީ ޖޫން 4، 2022 ގަ އެވެ. މި މަޝްރޫއު މިހާރު އޮތީ ނިމުމާ ގާތުގަ އެވެ.