Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ހޮލީވުޑުން އިޒްރޭލު ބޮއިކޮޓް ކުރަނީ

ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހޮލީވުޑުން ޔަހޫދީންގެ ފިލްމީ އިންސްޓިޓިއުޝަންތައް ބޮއިކޮޓް ކުރަން ފަށައިފި އެވެ.

އެގޮތުން އިޒްރޭލުގެ ފިލްމު އިންސްޓިޓިއުޝަންތައް ބޮއިކޮޓްކޮށް، މިހާރު އަންނަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ޔަހޫދީންގެ ފިލްމީ މުއައްސަސާތަކުން ބަހެއް ނުބުނެ އެކަން ދިފާއު ކުރަން މަސައްކަތްކުރާ ކަމަށެވެ. އެހެންވެ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގާޒާގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ބަހެއް ނުބުނެ ހިމޭނުން ތިބުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

އެ ޕެޓިޝަނުގައި މިހާތަނަށް ދުނިޔޭގެ އެންމެ ވަރުގަދަ ފިލްމު އިންޑަސްޓްރީން 5،000 އާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެެއް ތަރިން ވެސް ހިމެނެ އެވެ. ޕެޓިޝަންގައި ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި އެމާ ސްޓޯން، މާކް ރަފަލޯ، އޮލީވިއާ ކޮލްމަން، ރިޒް އަހުމަދު، ޓިލްޑާ ސްވިންޓަން، ޒޭވިއާ ބާޑެމް އަދި ސިންތިއާ ނިކްސަން ހިމެނެ އެވެ.

ނަމަވެސް އެމަރިކާ އަށް ނިސްބަތްވާ ހޮލީވުޑުން ފެށި ކެމްޕޭނާ ދެކޮޅަށް އެ އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ސްޓޫޑިއޯ، ޕެރަމައުންޓް ޕިކްޗާސް ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް އޮކްޓޯބަރު 7، 2023 އިން ފެށިގެން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 63،700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. އަދި އެތަނުގެ ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ހޮލީވުޑުން އިޒްރޭލު ބޮއިކޮޓް ކުރަން ފެށި އިރު، އިޒްރޭލުގެ އުފެއްދުންތައް ވަރަށް ގިނަ ގައުމުތަކުން ބޮއިކޮޓްކޮށް، ޔަހޫދީންނަށް ވާގިދޭ ވަރަށް ގިނަ މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ގިނަ ގައުމުތަކަކުން ބޮއިކޮޓްކޮށްފައިވެ އެވެ.