ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ހޯމްބައުންޑް" މި މަހު ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޕޯސްޓަރު ވެސް މިއަދު އާންމުކޮށްފި އެވެ.
މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޓީއައިއެފް) އާއި މި އަހަރުގެ ކުރީކޮޅު ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު އޮހުނި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ މި މަހުގެ 26 ގަ އެވެ.
"ހޯމްބައުންޑް" އަކީ ނީރަޖް ގިވާން ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. އޭނަ އަކީ ބޭރުގެ އެތައް ފެސްޓިވަލެއްގައި ދައްކައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަދި ބެލުންތެރިންނާއި ކްރިޓިކުންގެ ލޯބި ވެސް ވަރަށް ބޮޑަށް ލިބުނު 2015 ގެ "މަސާން" ގެ ވެސް ޑައިރެކްޓަރެވެ.
"ހޯމްބައުންޑް" އަކީ އެ ފިލްމަށް ފަހު ނީރަޖް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.
މީގެ މައިގަނޑު ކާސްޓުންނަކީ އިޝާން ޚައްތަރާއި ޖާންވީ ކަޕޫރްގެ އިތުރުން ވިޝާލް ޖެތުވާ އެވެ. "ހޯމްބައުންޑް" އަކީ އިޝާނާއި ޖާންވީ 2018 ގައި ބޮލީވުޑަށް ތައާރަފުވި 2018 ގެ "ދަޅަކް" އަށް ފަހު އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. ވިޝާލް އަކީ ރާނީ މުކަރްޖީގެ "މަރުދާނީ 2" އާއި ކާޖޮލްގެ "ސަލާމް ވެންކީ" އަދި ސަލްމާން ޚާންގެ "ޓައިގާ 3" ގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ އެކްޓަރެކެވެ.
"ހޯމްބައުންޑް" ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް ވެސް ހިއްސާވާކަމެވެ.
މި ފިލްމު ހަދާފައި ވަނީ ކޮވިޑްގެ ބަލިކަމަޑުކަމުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ހާދިސާތަކަކާ ގުޅޭ ގޮތުން ކަޝްމީރަށް ނިސްބަތްވާ ނޫސްވެރިޔާ/ލިޔުންތެރިޔާ ބަޝާރަތު ޕީރް ލިޔުނު "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ" އަށް ބިނާކޮށެވެ.