Last Updated: July 7, 19:18
Tuesday, July 7, 2026
ކުޅިވަރު

ފޮރެސްޓް އަތުން އާސެނަލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުން އާސެނަލުން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

މިއީ ލީގުގައި ކުޅުނު ހަތަރުވަނަ މެޗުން އާސެނަލް ހޯދި ތިންވަނަ މޮޅެވެ. އަނެއް މެޗުން އާސެނަލް ވީ ބައްޔެވެ. ފޮރެސްޓުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެޓީމަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ.

މި މެޗަކީ ފޮރެސްޓުގެ ކޯޗުކަމާ އެންޖް ޕޮސްޓެކޮގްލޫ ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީ އެވެ. މިއީ ފޮރެސްޓުގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޒުބިމެންޑީ ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އެބެރެޗީ އެޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް، ވިކްޓަ ޔޮކަރޭސް އެވެ.

މި މެޗުގައި އާސެނަލުން ޖެހި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ޒުބިމެންޑީ އެވެ. މި ގޯލު ޒުބިމެންޑީ ކާމިޔާބުކުރީ ފޮރެސްޓުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ލީގުގައި އާސެނަލުން ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. ފޮރެސްޓު ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.