Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އޭކަން ގާތުން ވަރިވާން އަންހެނުން ކޯޓަށް

ކައިވެންޏަށް 29 އަހަރުވުމުގެ މަގުމަތީގައި އުޅެނިކޮށް އެމެރިކާގެ މަޝްހޫރު މިއުޒިކީ ފަންނާނު އޭކަންގެ ގާތުން ވަރިވާން އަންހެނުން ޓޮމޭކާ ތިއާމް ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ 11 ގައި ކަމަށެވެ.

ވަރިވާން އެދި ހުށަހެޅި މައްސަލަގައި ޓޮމޭކާ ވަނީ މާލީ އެހީތެރިކަން ވެސް އޭކަންގެ ފަރާތުން ނަގައި ދިނުމަށް އެދިފަ އެވެ. އަދި ދެ މީހުންގެ 17 އަހަރުގެ އަންހެން ދަރިފުޅުގެ ބެލެނިވެރިކަމުގެ ޒިންމާ ދެ މީހުން އެއްވަރަކަށް ނަގަން ޖެހޭ ގޮތަށް ވެސް ވަރީގެ މައްސަލަ ނިންމައި ދޭން އެދިފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭކަންގެ ގާތުން ވަރިވާން ޓޮމޭކާ ނިންމީ މި ފަހުން ދެ މީހުންގެ މެދުގައި ބޮޑެތި ކުނިތަކެއް ޖެހި، އެކީގައި އުޅެވޭ ވަރަށް ވުރެ ދެ މީހުންގެ ގުޅުން ހީނަރުވެފައިވާތީ އެވެ.

އޭކަން އާއި ޓޮމޭކާ ކައިވެނިކުރީ 1996 ގަ އެވެ. ވަރިވާން ކޯޓަށް ހުށަހެޅި އިރު ކައިވެންޏަށް 29 އަހަރުވާން އޮތީ ހަތަރު ދުވަހެވެ.

ކައިވެނި ރޫޅައިލަން އަންހެނުން ނިންމި އިރު، އެހެން ގުޅުންތަކެއްގެ ތެރެއިން ވެސް އޭކަން، 52، އަށް ކުދިން ލިބިފައިވެ އެވެ. އެގޮތުން އޭނަ އަށް ތިން ބަނޑަކަށް 9 ކުދިން ލިބިިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވަރަށް ކާމިޔާބު މިއުޒިޝަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އޭކަންގެ އެންމެ ފަހުގެ އަލްބަމަކީ 2019 ގެ "އަކަންޑާ" އެވެ.