Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ރިޒުޤު އިތުރު ކުރަން ކުރެވިދާނެ ބައެއް ކަންކަން

الحمد لله رب العالمين والصلاة والسلام على المبعوث رحمة للعالمين سيدنا محمد، وعلى آله وصحبه ومن اتبع هداه إلى يوم الدين

އަޅުގަނޑުމެން އެންމެން ވެސް ރިޒުޤު އިތުރުވާން ބޭނުންވެ އެވެ. ރިޒުޤަކީ މާތް ﷲ ދެއްވާ އެއްޗެއް. އެކަލާނގެއީ الرزاق ގިނަގިނައިން ރިޒުޤު ދެއްވާ ރަސްކަލާނގެ އެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި ރިޒުޤު އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

* ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުން

މާތް ﷲ ވަޙީކުރައްވައިފައި ވަނީ لئن شكرتم لأزيدنكم ولئن كفرتم إن عذابي لشديد—ابراهيم 7

ތިޔަބައިމީހުން ތިމަން އިލާހު ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާނަމަ لأزيدنكم ތިމަން އިލާހު ތިޔަބައިމީހުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވާހުށީމެވެ. ولئن كفرتم ތިޔަބައިމީހުން ތިމަންއިލާހުގެ ނިޢްމަތްތަކަށް ޝުކުރުވެރި ނުވެ އެ ނިޢްމަތްތަކަށް ކުފުރުވެރިވާ ނަމަ إن عذابي لشديد އަދި ދަންނާށެވެ. ތިމަން އިލާހުގެ ޢަޛާބު ގަދަފަދަވެގެންވެ އެވެ.

މިހާރު އަޅުގަނޑުމެންނަށް ލިބޭ ރިޒުޤަށް ޝުކުރުވެރިވުމަކީ އޭގެ ސަބަބުން ކުރިޔަށް އޮތް ތާނގައި ރިޒުޤު އިތުރުވެގެން ދާނެ ކަމެއްކަން މި އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދެ އެވެ.

ބައެއް ކަހަލަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް ހުރަސް އެޅިގެންދާ ކަންކަން ވެސް ހިމެނެ އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެ އެވެ؛ انظروا إلى من أسفل منكم و لا تنظروا إلى من هو فوقكم فهو أجدر أن لا تزدروا نعمة الله عليكم

ތިޔަބައިމީހުންނަށްވުރެ ދުނިޔެވީ ނިޢްމަތްތަކުގެ ގޮތުން މަދުން ލިބިފައިވާ މީހުންނަށް ތިޔަބައިމީހުން ބަލާށޭ.(މަދުން ރިޒުޤު ލިބޭ މީހުންނަށް ތިޔަބައިމީހުންނަށް ވުރެ ދަށް މަގާމެއްގައިވާ މީހުންނަށް) ތިޔަބައިމީހުންނަށް ވުރެ ގިނަ ނިޢްމަތް ލިބިފައިވާ މީހުންނަށް ނުބަލާށެ އެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާން ބާރަކަށް އެކަން ވެގެންދާނެ އެވެ.

* ފާފަ ފުއްސެވުން އެދި ދެންނެވުން

އަޅުގަނޑުމެންނަށް ރެ އާއި ދުވާލު އެނގިގެންނާއި ނޭނގި ކުރެވޭ ފާފަތައް ފުއްސެވުން އެދި ދުޢާ ކުރުމަކީ އަޅުގަނޑުމެންނަށް އެތައް ބައިވަރު މުދާ ލިބޭނެ ކަމެކެވެ. އަދި އެހެން ނިޢްމަތްތައް ވެސް ލިބިގެން ދާނެ ކަމެކެވެ.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10)

ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމުގައިވެ އެވެ.

يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (11)

(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.

وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12)

އަދި މުދާތަކާއި ދަރިންގެ ގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.

* ރަހިމުގެ ގުޅުން ދެމެހެއްޓުން

ލޮބްވެތި މުސްލިމު އަޚުންނޭވެ. ރިޒުޤު ތަނަވަސްވެ ރިޒުޤުގައި ބަރަކާތްލެއްވޭ އެހެން ކަމަކަށް ބަލާލާ އިރު ރަޙިމުގެ ގުޅުން ދެމެހެއްޓުން ފާހަގަކޮށްލެވެވެ އެވެ. ހަދީސެއްގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވެ އެވެ؛

من سره أن يبسط له في رزقه و ينسأ له في أثره فليصل رحمه

މިއީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީސެކެވެ.

އޭނާގެ ރިޒުޤު ތަނަވަސްކޮށްދެ އްވުމަށާއި އޭނާގެ ޢުމުރު ދިގުކޮށް ދެއްވުމަށް ލޯބިކުރާ މީހާ ފަހެ އޭނާގެ ރަހިމުގެ ގުޅުން ގުޅުވައި ބަދަހިކުރާ ހުށިކަމެވެ

* މާތް ﷲގެ މަގުގައި ހޭދަކުރުން

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ (39)

(އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް އެކަލާނގެ އޭގެ ބަދަލުދެއްވަތެވެ. އެކަލާނގެއީ ރިޒުޤުދެއްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.) سورة سبأ

އަދި މިކަން ވަނީ އެހެން އާޔަތްތަކުގައި ވެސް ބަޔާންކުރައްވައިފަ އެވެ. ހަދީސެއްގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށް ދެއްވާފައިވައިވެ އެވެ؛ ما نقص مال من صدقة رواه الطبراني…ޞަދަޤާތުގެ ސަބަބުން މުދާ އުންޏެއް ނުވެ އެވެ.

މަސްދަރު: އިލްމު.އެމްވީ