Last Updated: July 7, 19:18
Tuesday, July 7, 2026
ޚަބަރު

ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރަން ތާއީދު

ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ "ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެންނަ" ކަމަށް ވިދާޅުވެފަ އެވެ. ޕޯސްޓުގައި ދެން އޮތީ ޅެން ބައިތެކެވެ.

ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.