Last Updated: July 7, 19:18
Tuesday, July 7, 2026
ޚަބަރު

މިނިސްޓަރު ހަލީލު ގަތަރަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގަތަރަށް މިރޭ ފުރާވަޑައިގެންފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާ ވަޑައިގަންނަވަނީ އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާ ގުޅޭގޮތުންނާއި އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުންއާންމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް މިދިޔަ ހަފްތާގައި ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބަ އެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެ އެވެ.

މި ހަމަލާއާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށާއި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކާއި ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި އެގޮތުން މި ހަމަލާއަށް ދޭނެ ރައްދަކާއި ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.