Last Updated: July 7, 19:18
Tuesday, July 7, 2026
ޚަބަރު

އެޓާނީ ޖެނެރަލް އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި އެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފަ އެވެ.

އަދި ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، ރައީސް ވަނީ އިނާމް ޙަވާލުކޮށްދެއްވައިފަ އެވެ. ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ވެސް މިރޭގެ ޖަލްސާގައިވަނީ އިނާމް ދެއްވާފަ އެވެ. މި މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެވެ.

މީގެއިތުރުން ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ޖަލްސާގައި ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.