Last Updated: July 7, 19:18
Tuesday, July 7, 2026
ޚަބަރު

އާ ގާނޫނާއެކު ނުފޫޒުން އެއްކިބާވުން އެތައް ގުނަ އިތުރުވާނެ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލްގެ އޮފީހުގެ އާ ގާނޫނާއެކު ނުފޫޒުން އެއްކިބާވުން އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އުޝާމް ވިދާޅުވީ އެ އޮފީހުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވުނީ މި އަހަރު ކަމަށާއި އެއީ، މެއި 29ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވި އެ އޮފީހުގެ ބިލާއެކު ކަމަށެވެ.

"ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމައެކަނި ގާނޫނު އަސާސީއަށާއި ގާނޫނަށް ތަބާވެގެން ހުރުމަށްޓަކައި ބާރުއަޅާ މިންވަރު އެތައް ގުނައެއް އިތުރުވެގެންދާނެ،" އުޝާމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމުން ހާމަކޮށްދެނީ އެ މަނިކުފާނުގެ އިހްލާސްތެރިކަމާއި، ގާނޫނުއަސާސީއަށް އެ މަނިކުފާނު ދެއްވާ މަތީ ދަރަޖަ ކަމަށް އުޝާމް ވިދާޅުވި އެވެ. ބަންޑާރަނައިބުގެ އޮފީހަކީ ހަމައެކަނި ގާނޫނީ މުއައްސަސާއެއް ނޫން ކަމަށާއި އެއީ އިންސާފަށާއި ހަމަހަމަކަމާއި އަދުލާއި ގާނޫނުގެ ވެރިކަމަށް ރާއްޖޭން ދޭ އަހަންމިއްޔަތު ކަމުގެ ނިޝާނެއް ކަމަށްވެސް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް 75 އަހަރު ފުރުނުއިރު، އެ އޮފީހުގެ އުސޫލުތައް ދެމެހެއްޓުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާ އެއްކޮށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އިގުރާރުވާކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނީ ރައީސް ވަނީ ބަންޑާރަނައިބުގެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފަ އެވެ.

އަދި ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، ރައީސް ވަނީ އިނާމް ޙަވާލުކޮށްދެއްވައިފަ އެވެ.