އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގައި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.
ގާޒާގެ ސިވިލް ޑިފެންސް އިން ބުނީ އިޒްރޭލުން އާންމުންގެ ގެތަކަށް އަމާޒުކޮށް އިއްޔެ ދިން ވައިގެ ހަމަލާތަކުގައި 6،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
އާންމުންގެ ގެތަކުގެ އިތުރުން އާންމުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޓަވަރުތަކާއި އަދި ތިން ސްކޫލަކަށް ވެސް އިޒްރޭލުން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވެ އެވެ. މި ހަމަލާތައް ދީފައިވަނީ ކުރިން އެއްވެސް އިންޒާރެއް ވެސް ދިނުމަކާއި ނުލައި ކަމަށް ގާޒާގެ ސިވިލް ޑިފެންސް އިން ބުނެ އެވެ.
އިޒްރޭލުން ގާޒާއަށް އިއްޔެ ދިން ހަމަލާތަކުގައި 60 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 64،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.