Last Updated: July 7, 19:18
Tuesday, July 7, 2026
ކުޅިވަރު

ބްރެންޓްފޯޑުން ފަހު ވަގުތު ޗެލްސީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑުން އިތުރު ވަގުތުގެ ވަގުތުކޮޅު ތެރޭގައި ގޯލު ޖަހައި، 2-2 އިން އެއްވަރުކޮށް، ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ލީގުގައި ޗެލްސީން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބްރެންޓްފޯޑު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެޓީމު އެއް މެޗުން މޮޅުވެ އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 35 ވަނަ މިނެޓްގައި ޖޯޑަން ހެންޑަސަން ދިން ޕާހަކުން ކެވިން ޝާޑް ވަނީ ބްރެންޓްފޯޑަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން އެރި ކޯލް ޕާމާ ވަނީ މެޗުގެ 61 ވަނަ މިނެޓްގައި ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 85 ވަނަ މިނެޓްގައި މޮއިސެސް ކައިސޭޑޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ.

މި ގޯލާއެކު ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ފަބިއޯ ކަވާލޯ ވަނީ ބްރެންޓްފޯޑަށް ނަތީޖާ އެއްވަރުކޮށްދީ، ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓާފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމުން ވަނީ 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން 1-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދިއިރު، ބޯންމަތް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ.