Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އަޖޭ ޕްރޮޑިއުސްކުރާ ތުރިލާއެެއް ސިދާންތަށް

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ޕްރޮޑަކްޝަން ހައުސް، ދޭވްގަން ފިލްމްސް ޕްރޮޑިއުސްކުރާ ފިލްމަކަށް ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ ތައްޔާރުވާން ފަށައިފި އެވެ.

މި ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހިއްސާކޮށްފައި ނުވާ އިރު، އަރަމުން އަންނަ ޒުވާން އެކްޓަރު ވަނީ ދޭވްގަން ފިލްމްގެ ލޯގޯ ޖެހި ކޮފީ މަގަކާއި ރޯލަށް ތައްޔާރުވާން ހަށިގަނޑު ފިޓްކުރަން ކުރަމުން އަންނަ މަސައްކަތުގެ ފޮޓޯތަކެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދޭވްގަން ފިލްމްސް އަށް ސިދާންތު ސޮއިކުރި ފިލްމަކީ ކްރީޗާ ތުރިލާއެކެވެ. އަދި މީގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށްޓަކައި ފިލްމުގެ ޓީމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. އެކަމަކު މި ކްރީޗާ ތުރިލާގެ ޑައިރެކްޓަރަކީ ކާކުކަމާއި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.

ސިދާންތު، 32، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ލޯބީގެ ފިލްމު "ދަޅަކް 2" އެވެ. ދެހާސް ނަވާރައިގެ "ގަލީ ބޯއި" އިން ވިދި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ވިކާސް ބާލްގެ ރޮމޭންޓިމް ކޮމެޑީ "ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން" ހިމެނެ އެވެ.

ކާސްޓްގައި ވަމީގާ ގައްބީ އާއި ޖަޔާ ބައްޗަން ވެސް ހިމެނޭ އެ ފިލްމުގެ ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިރު، ސިނަމާތަކަށް ފިލްމު ގެންނާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.