Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'ރޯމިއޯ' ނިންމާލައި ޝާހިދު 'ކޮކްޓެއިލް 2' އަށް

ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ރޯމިއޯ" ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ނިންމައިލި، ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް އާ ޕްރޮޖެކްޓް "ކޮކްޓެއިލް 2" ގެ މަސައްކަތް ފަށައިފި އެވެ.

މި ފިލްމަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް" އާ ގުޅުވައިގެން ހަދާ ފިލްމެކެވެ. އެކަމަކު "ކޮކްޓެއިލް 2" ގައި ކުރީގެ ލީޑް އެއްވެސް ކާސްޓެއް ނުހިމެނެ އެވެ. މި ފަހަރު ވެސް ފިލްމުގެ ޑައިރެކްޓަރަކި ހޯމީ އެވެ. އަދި އާ ފިލްމުގެ އާ ކާސްޓުންނަކީ ޝާހިދާއި ކްރިތީ ސެނަންގެ އިތުރުން ރަޝްމިކާ މަންދަނާ އެވެ.

މި ތަރިންތައް ވަނީ "ކޮކްޓެއިލް 2" ގެ މަސައްކަތް ފެށިކަން އެ މީހުންގެ އިންސްޓްގްރާމް ސްޓޯރީގައި ހިއްސާ ވެސް ކޮށްފަ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ކޮކްޓެއިލް" ގެ ތަރިންނަކީ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އެ ފިލްމުން ބޮލީވުޑަށް ތައާރަފުވި ޑަޔާނާ ޕެންޓީ އެވެ. ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އިމްތިއާޒް އަލީގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ.

އަންނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލަން އަމާޒު ހިފައި މަސައްކަތް ފެށި "ކޮކްޓެއިލް 2" ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އެކަމަކު މި ޕްރޮޑިއުސްކުރާ ދިނޭޝްގެ ސްޓޫޑިއޯ، މެޑޮކް ފިލްމްސް އިން މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހިއްސާއެއް ނުކުރެ އެވެ.

"ކޮކްޓެއިލް 2" އަކީ ޝާހިދާއި ކްރިތީ އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މެޑޮކުން މިދިޔަ އަހަރު ގެނެސްދިން "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ. "ކޮކްޓެއިލް 2" އަކީ "ޕުޝްޕާ" ފަދަ ވަރުގަދަ ފިލްމުތައް ކުޅެފައިވާ ރަޝްމިކާ، ޝާހިދާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ވިޝާލް ބަރަދްވާޖް ޑައިރެޓްކޮށް ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ޝާހިދުގެ "ރޯމިއޯ" އަކީ އެކްޝަން ތުރިލާއެކެވެ. އޭގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ.