މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. މުޙައްމަދު އިބްރާޙިމް އައްޔަންކޮށްފި އެވެ.
މިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާންކުރީ މިއަދެވެ. ޑރ. މުހައްމަދަކީ ކުރިން ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރިން ކުރެއްވި ބޭފުޅެކެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ފުރަތަމަ އެމްޑީ އަކީ އަހުމަދު ޒަރީރެވެ. އޭނަ އެ މަގާމުން މިދިޔަ މަ އިސްތިއުފާ ދެއްވީ އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.
މަސްވެރިކަމުގެ ޕްރޮމޯޓްކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގަ އެވެ.
އެ ކުންފުނީގެ ފުރަތަމަ އެމްޑީ ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.
ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށް މާކެޓް ކުރަން ހާއްސަކޮށްގެން ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމީ 2023 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ކުންފުނި އުފެއްދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.
އެ ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗަ އާއި މެރިކަލްޗަ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ.
އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީ ވެސް މި ކުންފުނި އުފެއްދި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެގޮތުން ދާދި ފަހުން ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ބްރޭންޑެއް ލޯންޗްކޮށްފަ އެވެ.