Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ބީއެމްއެލުން އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަނެއް ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސްއިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ނިންމާލައިފި އެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ހިމެނެ އެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއާ ބިނާ ކުރާނެ ގޮތާއި މެންޓަރޝިޕް ސެޝަނެއްވެސް ބޭއްވުނެވެ.

އަދި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ހަދިޔާ ކުރިއެވެ.

މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.