ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޑރ. ޝާހު މާހިރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ ކުންފުނީގެ ބޯޑަށް ޝާހުގެ އިތުރުން ދެ މެމްބަރަކު ވެސް އައްޔަންކޮށްފަ އެވެ. އެގޮތުން ބޯޑު މެމްބަރު ކަމަށް ދެން އައްޔަންކޮށްފައިވަނީ އައިޝަތު މުހައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އެވެ.
ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.