Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ޝާހިދުގެ "އޯ' ރޯމިއޯ" ފަސްކޮށްފި

މި އަހަރުގެ ޑިސެމްބަރުގައި ކުރިން ގެނެސްދޭން ޕްލޭންކުރި ޝާހިދު ކަޕޫރްގެ ފިލްމު "އޯ' ރޯމިއޯ" އަންނަ އަހަރަށް ފަސްކުރިކަން އިއުލާންކޮށް، އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިއަދު ދައްކާލައިފި އެވެ.

މި މަހުގެ ކުރީކޮޅު ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި އެކްޝަން ތުރިލާ އަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޓްރިޕްތީ ދިމްރީ ބަތަލާގެ ރޯލު ކުޅެފައިވާ "އޯ' ރޯމިއޯ" ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގަ އެވެ.

މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލާ އެކު ޝާހިދު މަސައްކަތްކުރި ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކީ 2017 ގެ "ރަންގޫން" އާއި 2014 "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.

"އޯ' ރޯމިއޯ" ގެ ކާސްޓްގައި ނާނާ ޕަޓޭކަރް، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ފަރީދާ ޖަލާލް އަދި ދިއާ މިޒްރާ ފަދަ ތަރިން ހިމެނެ އެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެކްޝަން ތުރިލާ "ދޭވާ" އެވެ. އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް 2" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގެ ބަތަލާއިންނަކީ ކްރިތީ ސެނަަން އާއި ރަޝްމިކާ މަންދަނާ އެވެ.