ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގައި މައްސަލައެއް ނެތް ކަމަށާއި އެ ބިލު ފާސްކުރާނެ ކަމަށް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ، ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން މި ބިލުގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ރޭ ހާއްސަ ފޯރަމެއް ބާއްވާފައިވާއިރު، މުހައްމަދު އިސްމާއިލް ވިދާޅުވީ ބިލުގައި މައްސަލައެއް ނެތް ކަމަށާއި އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުން ވަނީ މި ބިލު ވުޖޫދުން ފޮހެލަން ކަމަށްވީ ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ.
"ބިލު ފާސްކުރާނަން. ދިވެހި ރައްޔިތުންގެ ސުޕަ މެޖޯރިޓީ ގަބޫލުކުރަނީ މި ފަދަ ބިލެއް ގާނޫނަކަށް ވެގެން އަންނަންޖެހޭ ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.
މިލްގަ މައްސަލައެއްނެތް MDP ގެ ބައެއް މެންބަރުން ބޭނުންނުވަނީ މި ބިލް ވުޖޫދުން ފޮހެލަން ހިލާ ތިކަމެއްނުވާނެ ރައްޔިތުން ބޭނުންވާ ގޮތައް ބިލްފާސްކުރާނަން. ދިވެހި ރައްޔިތުންގެ ސުޕަމެޖޯރިޓީ ގަބޫލްކުރަނީ މިފަދަބިލެއް ގާނޫނަކައް ވެގެން އަންނަން ޖެހޭ ކަމައް pic.twitter.com/Ti67dDak4E
— Mohamed Ismail (@MPMohdIsmail) September 13, 2025
މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެގޮތުން ކޮމިޓީގެ ބައެއް ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށްގެންދާތީ ނޫސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.