Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

މީޑީއާ ފެންޑާ އުވާލައިފި

ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ "މީޑިއާ ފެންޑާ" އަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް ގޮތުގައި ގާއިމުކުރި ތަނެއް ކަމަށެވެ.

ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން، އެ ތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި ޢާއްމު މަޞްލަޙަތު ގެއްލޭ، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހައި ދުވަހުވެސް ހިފަމުން ނުގެންދާތީ، މި ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށް ބުނެފަ އެވެ.