ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކޮށް ދިނުމަކީ ބަލިމީހާ އަށް ޒިޔާރަތް ކުރުމުގެ އަދަބުތަކުގެ ތެރެއިން ވާކަމެކެވެ. އެހެނީ ބަލިމީހާ އަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބަލިން ޝިފާ ލިބުމެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ އެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ (الشعراء 80) މާނައީ: “އަދި އަހުރެން ބަލިވެއްޖެ ނަމަ، ފަހެ ޝިފާ ދެއްވަނީ އެއިލާހެވެ.”
އެހެންކަމުން ބަލިމީހާއަށް ކޮށްދެވޭނެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރިކަމަކީ ބަލިމީހާ އަށް ޝިފާ ދެއްވުމަށްޓަކައި ﷲ ގެ ޙަޟްރަތުން އެދޭ އެދުމެވެ.
ބަލިމީހުންނަށް ދުޢާ ކުރުމަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވެސް ވާރިދުވެފައިވާ ކަމެކެވެ. އެކަމުގެ ހިދާޔަތު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހަރެމެންނަށް ދައްކަވައިފަ އެވެ. އެގޮތުން ދުޢާކުރުމަށް ސުންނަތުގައި ބައެއް ދުޢާތައް ވާރިދުވެފައި ވެއެވެ.
އެގޮތުން ވާރިދުވެފައިވާ ބައެއް ދުޢާތަކަކީ:
(لاَ بَأْسَ طَهُوْرٌ إِنْ شاَءَ اللهُ) – رواه البخاري.
މާނައީ: “އެއްވެސް މައްސަލައެއް ނެތެވެ. الله އިރާދަކުރެއްވިއްޔާ (މިބައްޔަކީ ތިބާ ފާފަތަކުން) ޠާހިރުކޮށްދޭ އެއްޗެކެވެ.”
އަދި ބަލިމީހާގެ ނަން ކިޔާ ބަލިމީހާއަށް ޝިފާދެއްވުން އެދި ތިންފަހަރު ދުޢާކުރަންވެސް ސުންނަތުގައި ވާރިދުވެފައިވެެއެވެ. ސަޢުދު ބިން އަބީ ވައްޤާޞް އާލާސްކަންފުޅާ އުޅުއްވަނިކޮށް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ ސަޢުދު ބިން އަބީ ވައްޤާޞް އަށް ޒިޔާރަތްކުރައްވާ ދުޢާކުރެއްވި ސީޣާ ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމްގައި ވާރިދުވެފައިވެ އެވެ.
(اللَّهُمَّ اِشْفِ سَعْدًا) قَالَ ثلاثاً -رواه البخاري (5659) ومسلم (1628)
މާނައީ: “ޔާ الله. ސަޢުދަށް ޝިފާ ދެއްވާނދޭވެ” މިގޮތަށް ތިންފަހަރު ދުޢާކުރެއްވިއެވެ.
ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކަނާއަތްޕުޅު ބަލިމީހާގެ އަތުގައި ބީއްސަވާ ބަލިމީހާ އަށް މިފަދައިން ދުޢާ ކުރައްވަތެވެ.
(أَذْهِبْ الْبَاسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا) رواه مسلم (2191)
މާނައީ: “ބަލިކަން ގެންދަވާ ދޭނވެ! މީސްތަކުންގެ ވެރި އިލާހު! ޝިފާ ދެއްވާނދޭވެ! ހަމަކަށަވަރުން ޝިފާދެއްވަނީ ހަމައެކަނި އިބަ އިލާހެވެ. އިބައިލާހުގެ ޝިފާ ފިޔަވައި ޝިފާއެއް ނުވެއެވެ. އެޝިފާއަކަށް ފަހު އެއްވެސް ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ.”
ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ.
(مَنْ عَادَ مَرِيضًا لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ : أَسْأَلُ اللهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ إِلا عَافَاهُ اللهُ مِنْ ذَلِكَ الْـمَرَضِ) رواه أحمد وأبو داود (3106) وصححه الألباني في صحيح أبو داود
މާނައީ: “އެއްވެސް މީހަކު، މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް މިފަދައިން “މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.” ހަތްފަހަރު އޭނާއަށް ދުޢާކޮށް ދީފި ނަމަ އޭނާއަށް ޢާފިޔަތު ލިބޭނެ އެވެ.”
އަދި ހަމަ އެފަދައިން ބަލިމީހާގެ ކައިރިއަށް ޒިޔާރަތްކުރާ ހިނދު ބަލިމީހާގެ ޙާލު އަޙުވާލު އެހުމާއި ބަލިމީހާގެ ޙާލަތު އޮޅުން ފިލުވުމަކީ ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވާ ސުންނަތެކެވެ. ބައްލަވާ الترمذي (983) وحسنه الألباني
ބަލިތަކަށް ޝިފާ ދެއްވާ އިލާހު! އަޅަމެންގެ ތެރެއިން ވާ ބަލިމީހުންނަށް ޝިފާ ދެއްވާނދޭވެ!
މަސްދަރު: ދިސަލަފިއްޔާ