ސަރުކާރުގެ މެނިފެސްޓޯގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
މި ލޯނު ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްޞަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
މި ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި މި ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލަން އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.