ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް މިރޭ ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ސަމިޓުގައި ރައީސް ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.
މި ސަމިޓް ބާއްވަނީ މިދިޔަ ހަފްތާގައި އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެންނެވެ.
އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބަ އެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވީ އިޒްރޭލަށް ރައްދު ދިނުމުގެ ހައްގު ގަތަރަށް ލިބިގެންވާ ކަމަށާއި ގައުމުގެ އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކާއި ދެކޮޅަށް މުޅި މެދުއިރުމަތިން ރައްދެއް ދޭންޖެހޭ ކަމަށާއި އެގޮތުން މި ހަމަލާއަށް ދޭނެ ރައްދަކާއި ގުޅޭގޮތުން އެކުވެރި ގައުމުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.