އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު ލިވަޕޫލުން 1-0 އިން ބާންލީ ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިކޮށްފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް އަދި ހަތަރު ވަނައިގައި އޮތް ބޯންމަތަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލަށް ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހު ވަނީ މި މެޗުން ލިވަޕޫލް މޮޅުކޮށްދީފަ އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ ބާންލީގެ އޭރިއާ ތެރެއިން އެޓީމުގެ ހަނިބަލް މެޖްބްރީގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
ސިޓީ ދަނޑުގައި އެ ޓީމުން ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލީޑުނެގީ ފިލް ފޯޑެން ޖެހި ގޯލުންނެވެ. އަދި ދެވަނަ ހާފުގައި ސިޓީގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. މި މެޗުގައި ޔުނައިޓެޑަށް ގޯލުޖަހާނެ މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ.
ލީގުގައި ސިޓީން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެޓީމު މޮޅުވިއިރު، ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެއް މެޗުން އެއްވަރު އަދި އެއް މެޗުން ވަނީ މޮޅުވެފަ އެވެ.