ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާއި ގުޅޭގޮތުން "ސަންގުޓީވީ"ގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެއްވެސް ހައްދެއް، ހުދޫދެއް ނެތި ޓިކްޓޮކް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދަރިން ވިއްކަން ޖަހައި، ދެމަފިރިންގެ ދޭތެރޭގައި ހުންނަ މައްސަލަތަކަށް ޓިކްޓޮކް ހެދުން ފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މިއަދުވެސް ޕާސަނަލީ ގަބޫލުކުރަން [ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން]، އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ކޮންމެ ކަމަކީ މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަންކަމެއް ނޫން. އަދި އަޅުގަނޑު ޕާސަނަލީ ގަބޫލުކުރިޔަސް އެ ކަންކަމަކީ ކޮމިޓީން ބަލައިގަންނާނެ ކަންކަމެއް ވެސް ނޫން. އެހެންވީމަ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާ ވާހަކައާއި ސޯޝަލް މީޑިއާ ބޭން ކުރާ ވާހަކަ އަޅުގަނޑުމެން ނުދައްކަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މީޑިއާ ބިލާއެކު ސޯޝަލް މީޑިއާ ބޭން ކުރާ ވާހަކަ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދައްކަނީ "ވިއްކޭނެ އެއްވެސް އެއްޗެއް ނެތީމަ" ކަމަށެވެ. އަދި މިހާރު އެ ފަރާތްތަކުން ދައްކަމުން އަންނަނީ ވަރަށް ވިޔާނުދާ ވާހަކަތަކެއް ކަމަށާއި މީޑިއާ ބިލު ކޮމިޓީން ފާސްވެގެން އަންނައިރު އޮންނާނީ މިހާރަށް ވުރެ މާ ފުރިހަމަކޮށް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެގޮތުން ކޮމިޓީގެ ބައެއް ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށްގެންދާތީ ނޫސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.