Last Updated: July 7, 13:19
Tuesday, July 7, 2026
ކުޅިވަރު

ވެލެންސިއާ ކޮޅަށް ބާސާއިން 6 ގޯލު

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ވެލެންސިއާގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެން ބާސާ އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި ރަފީނިއާ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ލޮޕޭޒް އެވެ.

ބާސާގެ ހަތަރުވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ރަފީނިއާ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ.

ރޭގެ މެޗު ބާސާއިން ކުޅުނީ އެޓީމުގެ ބީ ޓީމުން މެޗުތައް ކުޅެމުން އަންނަ 6،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގަ އެވެ. މި ސްޓޭޑިއަމްގައި ބާސާއިން ކުޅުނީ އެޓީމުގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ "ކޭމްޕް ނޫ" ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭތީ އެވެ.