Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

އޭޝިއާ ޕެސިފިކް ބެޑްމިންޓަން ޓީމަށް ޖާޒީ ހަވާލުކޮށްފި

ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.

އެތުލީޓުންނާ ޖާޒީ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ.

ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތް އޮންނާނީ މަހުގެ 17-20 އަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގަ އެވެ.

މި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަކީ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމް އެވެ. މީގެ ތެރެއިން މާނިޔާ އަކީ 2023 ގައި ލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން އެތުލީޓެކެވެ.

މި އެތުލީޓުންނާ އެކު ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރި ވަނީ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރާފިއު އެވެ.

މީގެ ތެރެއިން އީނާސް އާއި އަލޫފް އަކީ އޭދަފުށި ރިވައިވަލްގެ އެތުލީޓުންނެވެ. ރައިޝާ އަކީ ޅ. ހިންނަވަރުގެ އެތުލީޓެކެވެ.

ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވަނީ މޫސާ ޒަމީރެވެ. ހެޑް ކޯޗަކީ ރިޝްވާން ޝިޔާމެވެ. އަދި ކޯޗު އައިމިނަތު ޝަހުރުހުނާޒް މޫސާ މި އެތުލީޓުންނާއެކު މެލޭޝިއާ އަށް ދާނެއެ ވެ.