Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އަބަދު ވެސް ފިލްމު ކުޅޭ ހިތްވޭ: ޖޭމު އައްލޯ

ފިލްމު ކުޅޭ ހިތްވާ ކަމަށާއި އެކަމަކު ލޯބީގެ ފިލްމުތަަކަކީ ކުޅެން އެހާ "ލައިކްވާ" ކަހަލަ ފިލްމުތަކެއް ނޫން ކަމަށް ކުރިން ވެސް ސްކްރީނުން ފެނިފައިވާ އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) ބުނެފި އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހު ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "އަލިފާން" ގެ ރޯލެއް ކުޅެފައިވާ ޖޭމް އައްލޯ، އެއާ ގުޅޭ ގޮތުން ދީފައިވާ އިންޓަވިއުއެއްގައި ބުނީ ފިލްމަށް އެއްބަސްވީ ކުޅެން ލިބުނު ކެރެކްޓާ ކަމުދިއުމުން ކަމަށެވެ.

މި އެކްޝަން ތުރިލާ އަކީ މީގެ ބޮޑު ރޯލަކުން ފެންނާނެ ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"އަލިފާން" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޭމް އައްލޯ ބުނީ ފިލްމު ކުޅޭ ހިތްވިޔަސް ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރީ އެހާ ހިތްހަމަޖެހޭ ކަހަލަ ރޯލުތަކެއް ނުލިބޭތީ ކަމަށެވެ.

"ޑާކް ރެއިން އެންޓަޓައިންމަންޓާ އެކީ މަސައްކަތްކޮށްލެވުނީމަ ވަރަށް އުފަލުން މި ހުރީ." އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދޫގައި ޖެހޭނޭ" ލަވައިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ފަންނާނު ބުންޏެވެ.

އައްލޯ ބުނި ގޮތުގައި "އަލިފާން" ގައި ކުޅުނު ރޯލަކީ އޭގައި ކުޅުނު ކެރެކްޓާ އަށް ވަރަށް ތައްޔާރުވެގެން ކުޅުނު ރޯލެއް ކަމަށެވެ. ވަރުގަދަ ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައި ވެސް އާންމުންގެ ތެރޭގައި މަޝްހޫރު އައްލޯ ބުނީ ކެރެކްޓާ އަށް ފިޒިކަލީ ވެސް ތައްޔާރީތަކެއް ވާން ޖެހުނު ކަމަށެވެ.

"ފިލްމުގެ ޓީމުން ބޭނުންވި ވަރުގެ ފުލް ސަޕޯޓް އަހަރެންގެ ފަރާތުން ފިލްމަށް ދޭން މަސައްކަތްކޮށްފައި ހުންނާނެ." ކަސްރަތުގެ ދާއިރާ އިން 2017 ގައި ގައުމީ އިނާމު ވެސް ލިބިފައިވާ އައްލޯ ބުންޏެވެ.

އޭނަ ބުނީ މިހާރު ހިތުލައިގެން ހުރީ ކުޅެން ހިތްވާ ކަހަލަ ރޯލުތަކެއް ލިބޭނެ ނަމަ ފިލްމުތަކަށް އެެއްބަސްވާން ކަމަށެވެ. އެގޮތުން ވިލަންގެ ރޯލު ކަހަލަ ރޯލުތަކެއް ކުޅެން ޝައުގުވެރިކަން އެބަހުރި ކަމަށް ބުންޏެވެ.

އައްލޯ ބުނީ ރާއްޖޭގެ ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، އިފެއްދުންތަކުގެ ފެންވަރު ވެސް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން ޑާކް ރެއިން އެންޓަޓައިންމަންޓާ އެކީ މަސައްކަތްކޮށްލެވުމުން އެ މީހުންގެ ކޮލިޓީ ވެސް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެ ކަމަށް ބުންޏެވެ.

އެހެންވެ ފިލްމުތަކުގައި މަސައްކަތްކުރާ ހިތްވާ މީހަކު އެކަން މިހާރު ނުކޮށް ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުންޏެވެ.

"ތިމާ ކުރާ ހިތްވާ ކަހަލަ ކަމެއް ކުރަން ފުރުސަތެއް ލިބުނީމަ ނުކޮށް ހުރުމަކީ މާ މުހިއްމު ނޫން ކަމެއް ގޮތަށް މިހާރު ދެކެނީ،" އައްލޯ ބުންޏެވެ. "އެހެންވީމަ ޓައިމް ލިބޭ ވަރަކުން ރަނގަޅު ހުށަހެޅުމެއް އައިއްސިއްޔާ ކޮށްލާ ގޮތަށް މި ހުރީ. އެކަމަކު އޭގެ މާނައެއް ނޫން ފިލްމީ މަސައްކަތްތަކަށް އެއްކޮށް ހުސްވަނީއެކޭ."

މިދިޔަ އަހަރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެނެސްދިން "ލަސްވިޔަސް" ގެ ކުރު ރޯލަކުން ޖޭމް އައްލޯ ފެނިފައިވެ އެވެ.

"އަލިފާން" އޮލިމްޕަހަށް އަންނާނީ އަންނަ މަހުގެ 6 ގަ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަރިޔަމް މަޖުދާ (މަޖޫ)، މިހައްމަދު ހާޒިފް އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.