Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރިޔާސީ ދައުރު ދަންމައެއް ނުލާނެ، އެކަން ކުރާކަށް ނޫޅޭ

މި ސަރުކާރުން ރިޔާސީ ދައުރު ވެސް ދަންމައިލާނެކަމުގެ ވާހަކަތަކެއް ދެކެވޭތީ އަދި ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް އެކަމަށް ތާއިދުކޮށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ވެރިކަން ކުރާ ޕާޓީ، ޕީޖީ ލީޑަރު އިބްރާހީމް ފަލާހް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ސަރުކާރުން ދައުރު ދަންމައިލަން ނޫޅޭ ކަމަށާއި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.

"ވަރަށް ސާފު މި ބިލު. ވަރަށް ސާފު. ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހުރިއްޔާ ކުޑަކޮށް ވެސް ތާއީދެއް ނުކުރާނެ."

ނަމަވެސް ދައުރު ދިގު ދަންމާލުމާ ގުޅޭ ގޮތުން މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށާއި އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށެވެ.

ރާއްޖޭގައި ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ.