ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ނާސިހު މެންބަރު ކަމަށް އަލުން އައްޔަންކޮށްފައި ވަނިކޮށް އޭނަ އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުއިއްޒު ހުށަހެޅުއްވީ މުހައްމަދު މުޖުތާޒުގެ ނަމެވެ. އޭނަ އަކީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރި ބޭފުޅެކެވެ.
އެ ދެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދެއްވުން އެދި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިގަ އެވެ.
މުޖްތާޒަކީ މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ 17 ވަނަ ރައްޔިތުން މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މުޖުތާޒް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
ނާސިހު ސީއެސްސީ އަށް ފުރަތަމަ އައްޔަންކުރީ 2020 ގަ އެވެ. އޭނަ އަލުން ކޮމިޝަންގެ މެންބަރަކަށް އައްޔަންކުރީ މި މަހުގެ 7 ގަ އެވެ.