ގައުމުގެ ކަންކަމާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގައި ހުރިހާ މަރުހަލާއެއްގައި ވެސް އެންމެންގެ އަޑުތައް އަހައި، އެންމެން ބައިވެރިކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އާންމުކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކޮށް، އެކި ކަހަލަ ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހަންޖެހޭ ކަމަށެވެ.
ރައީސް ވަނީ ޑިމޮކްރަސީގެ އަސާސްތަކާ މެދު ވިސްނާއިރު، ދުނިޔޭގައި ހައްގު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއެކު ތިބިކަން ހާމަކުރައްވައިފަ އެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.