Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

އައްޑޫގައި އިންޑިއާގެ ޓީޗަރަކު ނިޔާވެއްޖެ

އައްޑޫގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރަކު ނިޔާވެއްޖެ އެވެ.

ދިރިއުޅޭ ގޭގެ ކޮޓަރީގައި ނިޔާވެފައި އޮއްވައި މިއަދު ފެނުނީ އައްޑޫ ހިތަދޫގައި އޭ ލެވެލް އަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލްގެ ބިޒްނެސް ޓީޗަރު ސާޖިމަންތު ސީބީ، 60، އެވެ.

އޭނަ މަރުވިކަން އެނގުނީ އެކީގައި ހައި ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ އެހެން ޓީޗަރަކު ސްކޫލަށް ދާން ހެނދުނު ގޮވުމުން ޙަބަރެއް ނުވެގެން ކޮޓަރި އަށް ވަދެ ބެލި އިރު އެވެ.

ސާޖިމަންތު މަރުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ޓެސްޓްތަކެއް ހަދާފައިވެ އެވެ. އައްޑޫ ހައި ސްކޫލުން ބުނީ ސާޖިމަންތުގެ ހަށިގަނޑު ގައުމަށް ފޮނުވައިލުމުގެ އިންތިޒާމުތައް ހަމަޖެހުނުހާ އަވަހަކަށް ފޮނުވައިލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސާޖިމަންތަކީ އައްޑޫގައ މަސައްކަތްކުރާތާ 23 އަހަރުވެފައިވާ ޓީޗަރެކެވެ. އޭނަ އެންމެ ފުރަތަމަ ކޮމާސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މިހާރު ޝަރަފުއްދީން ސްކޫލްގެ ނަމުގައި ހިންގަމުން އަންނަ ސަދަން ސެކަންޑްރީ ސްކޫލްގަ އެވެ. ސާޖިމަންތު އެތަނުގައި 1995-2002 އަށް އަދި 2009-2011 އަށް މަސައްކަތްކުރި އެވެ.

ދެހާސް އެގާރައިގެ ފަހުން ސާޖިމަންތު މަސައްކަތް ކުރަމުން ދިޔައީ ބިޒްނެސް ޓީޗަރެއްގެ ގޮތުގައި އައްޑޫ ހައި ސްކޫލްގަ އެވެ.