ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އެ ދެ މަގާމަށް މުޖްތާޒު އާއި ނާސިހު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިއަދެވެ. އަދި ކޮމިޓީން އެ ނަންތައް ފާސްކުރުމަށް ފަހުގައި މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ.
ސީއެސްސީގެ ރައީސްކަމަށް މުޖުތާޒު އައްޔަންކުރުމަށް ފެންނަ ކަމަށް 68 މެމްބަރުން ވޯޓުދެއްވިއެވެ. ނާސިހް އައްޔަންކުރުމަށް ފެންނަ ކަަމަށް 64 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެކަކެވެ.
މުޖުތާޒް އަކީ ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗްލާސް އޮފް ލޯ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް މުޖުތާޒް ކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޖުތާޒް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ނާސިހު ސީއެސްސީއަށް އެންމެ ފުރަތަމަ އައްޔަނުކުރީ 2020 ވަނަ އަހަރެވެ. އޭރު އޭނާ ހުންނެވީ ސީއެސްސީގެ ރައީސްގެ ގޮތުގައެވެ. އޭގެ ފަހުން މިފަހުން އޭނާ ސީއެސްސީއަށް އައްޔަނުކުރީ ނިމިގެންދިޔަ އޮގަސްޓް މަހުއެވެ.