Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ދައުރުން ބޭރު އިތުރު ޖަލްސާއެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބޭއްވުމަށް ނިންމައިފި އެވެ.

ދައުރުން ބޭރުގައި މިއަދު ދެ ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބިލު ފާސްކޮށްފަ އެވެ. އަދި މެންދުރު ބޭއްވި ޖަލްސާގައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުހައްމަދު މުޖުތާޒް އަދި ނައިބު ރައީސަކަށް މުހައްމަދު ނާސިހު އައްޔަނުކުރުމަށް ފާސްކޮށްފަ އެވެ. އަދި އެޗްއާރުސީއެމްގެ ނައިބު ރައީސްކަމަށް ޝަފީގު މަހުމޫދު އައްޔަނުކުރުމަށް ވެސް މަޖިލީހުން ފާސްކޮށްފަ އެވެ.

މާދަމާ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މަޖިލީހުގެ އިދާރާއިން ހާމަކުރި ނަމަވެސް އެޖެންޑާއެއް އަދި ހާމައެއްނުކުރެ އެވެ. ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާގައި އޮންނާނީ މީޑިއާ ބިލު ފާސްކުރުމުގެ މަސައްކަތެވެ.

އެގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ އެ ބިލުގެ މަސައްކަތް މިއަދަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. މި ބިލަށް ބަންޑާރަ ނައިބު އޮފީހުން 14 އިސްލާހެއް ހުށަހަޅާފައިވެ އެވެ.

މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.