ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ އެއްވެސް ކޮންޓެންޓެއް ދެން ރާއްޖެ ރާއްޖެޓީވީން ބްރޯޑްކާސްޓުކޮށްފިނަމަ ހަރުކށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 16، ގައި އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އެއީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި އެ ޓީވީން ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
ބްރޯޑްކޮމުން މި މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭކަމަށް ބެލެވޭތީ ކަމަށް ބުނެ އަމިއްލައަށް އިސްނަގައިގެންނެވެ.
ބްރޯޑްކޮމުން ބުނި ގޮތުގައި މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ރާއްޖެޓީވީއަށް ދީފައިވާ ކަމަށާއި ނަމަވެސް ރާއްޖެ ޓީވީން ޖަވާބުދާރީނުވެ، ކޮމިޝަނަށް ކުރިމަތިކުރުވީ އިތުރު ސުވާލުތަކެއް ކަމަށެވެ.
އެހެންކަމުން، މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓު ނުކުރުމުގެ ހަމައާ އަދި ބްރޯޑްކާސްޓުކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ވެސް ރާއްޖެޓީވީ ހިލާފުވެފައިވާ ކަމަށް ބްރޯޑްކޮމް އިން ވަނީ ކަނޑައަޅައިފަ އެވެ.
ބްރޯޑްކޮމުން ބުނީ މިފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސްކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.