Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

މި 10 އަދަބު ތިބާގެ ގައިގައި އެބަހުރިތަ؟

އަދަބު އަޚްލާޤުތައް ވަރަށް ގިނަ އެވެ. އެހެން ނަމަވެސް، ތިރީގައި މި ބަޔާންކޮށްލާ އަދަބުތައް ދެ ކަމަކާ ހުރެ މަތިވެރިވެ ޚާއްޞަވެގެންވެ އެވެ. ފުރަތަމަ ކަމަކީ، މި އަދަބުތަކުގެ ޙުކުމްތަކާ ގުޅޭ ޝަރުޢީ ދަލީލުތައް ގިނަވުމެވެ. ދެވަނައީ، މި އަދަބުތަކަކީ އިންސާނާގެ ޙަޔާތުގައި އާއްމު ގޮތެއްގައި ބޭނުންކުރެވޭ އަދަބުތަކަކަށް ވުމެވެ. އެއީ:

1. ތިބާ މުސްލިމަކާ ބައްދަލުވެއްޖެ ނަމަ “އައްސަލާމު ޢަލައިކުމް ވަރަޙްމަތު ﷲ ވަބަރަކާތުހޫ” ކިޔާ ސަލާމް ގޮވުން: އޭނާ ތިބާއަށް ސަލާމް ގޮވައި ފިނަމަ، ވަޢަލައިކުމުއްސަލާމު ވަރަޙްމަތު ﷲ ވަބަރަކާތުހޫ” ކިޔާ ސަލާމް ބަލައިގަތުން.

2. ގެއަކަށް ނުވަތަ އެ ނޫން ވެސް ހުއްދަ ހޯދައިގެން ވަންނަން ޖެހޭ ތަނަކަށް ވަންނަން ބޭނުންވެއްޖެ ނަމަ ހުއްދަ ހޯދުން: އަދި ދޮރުގެ ކުރިމަތީގައި ހުއްޓިހުރުމުގެ ބަދަލުގައި ކަނާއަތް ފަރާތް ނުވަތަ ވާތް ފަރާތުގައި ހުއްޓި ހުރުން. ވަނުމަށް ހުއްދަ ދިނުމުން ވަނުން. އަދި އަނބުރާދާށޭ ބުނެފި ނަމަ، އަނބުރާ ދިޔުން.

3. ކެއުމާއި ބުއިމުގެ ކުރިން “ބިސްމި ﷲ” ކިޔުން: އަދި ކަނާތުން ގަޔާ ކައިރިވީ ފަރާތުން ކެއުން. އަދި ކެއުމަށްފަހު އިނގިލިތައް ދުލުން ސާފު ކޮށްލާ “އަލްޙަމްދު لله” ކިޔުން.

4. މަޑު މޮޅިކަމާއެކު ރިވެތި ބަހުން ވާހަކަ ދެއްކުމާއި ހެޔޮ ވާހަކަ ދެއްކުން: އަދި ތިމާއާ ވާހަކަ ދައްކާ ފަރާތުގެ ވާހަކަ މެދުކަނޑާލުމެއް ނެތި ކަނުލާ އަޑުއެހުން. އަދި ތިމާއަށް ވުރެ ބޮޑު މީހެއްގެ ކުރިން ވާހަކަ ނުދެއްކުން.

5. ނިދުމުގެ ކުރިން ވުޟޫ ކުރުން: އަދި ކަނާއަތް ފަރާތަށް އޮވެ ނިދުން ކުރުސި އެއްފަހަރު ކިޔުން އެއަށްފަހު ދެ އަތްތިލަޔަށް “ސޫރަތުލް އިޚްލާޞާއި، ސޫރަތުން ފަލަޤި އަދި ސޫރަތުއްނާސި” ކިޔެވުމަށް ފަހު، ދެ އަތްތިލަޔަށް ފުމެލައި ހަށިގަނޑުގައި އަތްޖެހޭ ހިސާބުތަކުގައި ދެ އަތްތިލަ ބީއްސާލުން. މިގޮތަށް ތިން ފަހަރު ތަކުރާރު ކުރުން.

6. ކިނބިހި އަޅާ ނަމަ، ދެ އަތުން ނުވަތަ ހެދުމުން މޫނު ނިވާކުރުން: އަދި “އަލްޙަމްދު لله” ކިޔުން. އެއަށްފަހު، މީހަކު ތިބާއަށް “ޔަރުޙަމުކަ ﷲ” ބުނެފިނަމަ، ޔަހްދީކުމު ﷲ ވަޔުޞްލިޙު ބާލަކުމް” ކިޔުން.

7. ތިބާއަށް ކުޅަދާނަވީ ވަރަކުން އާފުރުން ހުއްޓުވަން މަސައްކަތްކޮށް އަތް އަނގަމަތީގައި އަތް އެޅުން: އަދި “އާހް” ފަދަ އަޑު ނުނެރުން.

8. މަޖިލީހަކުން ނުވަތަ އެއްވުމަކުން ނިމިގެން ދިޔުމުގެ ކުރިން ސަލާމް ގޮވުން: އަދި މަޖިލިސް ނިމެންދެން އިށީނދެގެން އިނުން. އަދި ތިބާގެ ހަށިގަނޑުގެ އެއްބައި އަވީގައި އަދި އަނެއްބައި ހިޔަލުގައިވާ ގޮތަށް ނުއިށީންނުން. ދެ މީހެއްގެ ދެމެދުގައި ނުއިށީންނުން. އަދި މަޖިލީހުގައި ކޮޅަށްތެދުވެ ނޫޅުން. ވަންނަ މީހުންނަށް ތަންދިނުން. އަދި މަޖިލީހުގައި ﷲގެ ޛިކުރުކުރުން. މަޖިލީހުގެ ކައްފާރާ ކަމަށްވާ “ސުބްޙާނަކަ ﷲ ވަބިޙަމްދިކަ، އަޝްހަދު އައްލާއިލާހަ އިއްލާ އަންތަ، އަސްތަޢްފިރުކަ ވައަތޫބު އިލައިކަ” ކިޔުން.

9. މަގަށް އޭގެ ޙައްޤު ދިނުން: ބެލުން ތިރިކުރުމާއި، ތަކެތި އެއްފަރާތް ކުރުމާއި، ސަލާމް ބަލައިގަތުމާއި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން.

10. ހެދުންތަކުގެ ތެރެއިން އެންމެ ރީތި ހެދުންލުން: އެންމެ ރަނގަޅު ހެދުމަކީ ހުދުކުލައިގެ ހެދުން. އަދި ތަނބިކަށްޓަށް ވުރެ ތިރިޔަށް ނުދާފަދަ ހެދުމެއްލުން. ކަނާތްފަރާތުން ހެދުން ލާން ފެށުން. ހެދުން ބޭލުމުގައި ވާތްފަރާތުން ފެށުން.

ولله الحمد

ނޯޓް: މިއީ ޝައިޚް ޝިރުޙާން ޢަލީގެ ލިޔުއްވުމެކެވެ.