Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ރައީސް، ގަތަރުގެ އަމީރާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަތަރު އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ސާނީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ޤަޠަރަށް ދިން ހަމަލާގައި މަރުވި ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާފަ އެވެ. އަދި ރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ތިބޭނެ ކަމަށާއި ޤަޠަރުގެ ސިޔާދަތަށް އަރައިގަތުން ކުށްވެރިކުރައްވައި، ސަރަޙައްދީ ސުލްޙަ އަދި ހަމަޖެހުން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތަށް ރައީސް ތާއީދުކުރެއްވި އެވެ.

އަދި ކުއްލި އަރަބި-އިސްލާމީ ސަމިޓް ބޭއްވުމުގައި ޤަޠަރުގެ ލީޑާޝިޕް ތަޢުރީފުކުރައްވައި، ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މެދުވެރިވުމުގެ މަސައްކަތްތަކަށް ޤަޠަރުން ދެމުންދާ ދެމެހެއްޓެނިވި އެހީތެރިކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މަޞްލަޙަތު އެކުލެވޭ ގިނަ ދާއިރާތަކެއްގައި ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފަ އެވެ. އަދި ޤަޠަރުން ރާއްޖެއަށް ގިނަ ދާއިރާތަކަކުން ދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް މުއިއްޒު ވަނީ އަމީރަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް މުއިއްޒު ގަތަރަށް ވަޑައިގެންނެވީ ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން މިއަދު ބާއްވާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ސަމިޓްގައި، ރައީސް މުއިއްޒު ބަޔާނެއް އިއްވަވާނެ އެވެ.