ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ފޯރުކޮށްދީ ޗައިނާ އަށް ޖާސޫސްކޮށް ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އިނގިރޭސިވިލާތުގެ ދެ މީހަކަށް ކުރި ދައުވާ އަނބުރާ މިއަދު ގެންގޮސްފި އެވެ.
ކްރިސްޓޮފާ ކޭޝް، 30، އާއި ކްރިސްޓޮފާ ބެރީ، 33، އަށް ދައުވާކުރީ 2023 ގައި މާޗް މަހުގެ ތެރޭގައިު ހައްޔަރު ކުރުމަށް ފަހު އެވެ.
އެ މީހުންގެ މައްޗަށް ދައުވާކުރީ ޑިސެމްބަރު 28، 2021 އާއި ފެބްރުއަރީ 3މ 2023 އާ ދެމެދު ޗައިނާ އަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެ ދައުވާތައް މިއަދު ބޭރުކުރީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނުވާތީ އެވެ.
ދައުވާ ބޭރުކުރުމާ ގުޅިގެން ކޭޝް މިއަދު ބުނީ ފާއިތުވި ދެ އަހަރެއްހާ ދުވަހަކީ އޭނަ ވަރަށް ވެސް ބިރުވެރި ދުވަސްތަކެއް ކަމަށެވެ. އަދި ދައުވާ ބޭރު ކުރުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ މިހާރު އިންސާފު ވެސް ލިބިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ޕާލިމަންޓަރީ ރިސާޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރަމުން އައި ކޭޝް ބުންޏެވެ. އެހެންވެ އޭނަ އަކީ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރިސާޗް ގްރޫޕް (ސީއާރްޖީ) އާ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ދައުވާކުރި އިރު ތުހުމަތުކުރި އެވެ.
ޖާސޫސްކޮށް ދިންކަމަށް ބުނެ ދައުވާކުރީ ބެރީ އަކީ ޓީޗަރެކެވެ.
އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދައުވާތައް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އިނގިރޭސި އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށާއި ބޮޑެތި ތުހުމަތަކެއް ކުރެވުނު ކޭޝް އާއި ބެރީ ޝަރީއަތަކާ ހަމައަށް ނުގޮސް ދޫވުމަކީ ވަރަށް ބޮޑު މާޔޫސީއެެއް ކަމަށެވެ.
ކޭޝް އާއި ބެރީގެ މައްޗަށް ކުރި ދައުވާތަކަކީ އެއްވެސް އަސާސްގެ މައްޗަށް ބިނާކޮށް ކުރި ދައުވާތަކެއް ނޫން ކަމަށް ޗައިނާ އިން އިނގިރޭސިވިލާތަށް ފާޑު ވެސް ކިޔާފައިވެ އެވެ.