ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ އަޑީގައި ފޮރުވިފައިވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ފާސްކޮށްފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނުއަސާސީން މިހާރުވެސް، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު ދީފައިވުމާއެކު، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދީފައިވާ ކަމަށެވެ.
ނަމަވެސް، ވަކި ޤާނޫނެއް ފާސްކޮށްގެން، ކުރަން މިހާރު ރާވާ ކަމަކީ، ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުން ކަމަށް އެމްޑީޕީން ބުންޏެވެ.
"މީގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިއުމެވެ. މިގޮތުން، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަކީ، މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއްކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ބިލުގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫނެވެ. އަދި އެކަށީގެންވާ މުއްދަތު ނުދިނުމަކީ، އަވަސް އަރުވައިލައިގެން ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމަށް ކޮށައިފައިވާ މަގެއް ކަމަށާއި އެކަމުގެ ސަބަބުން، މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތުގައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން އެ ފަދަ ގަރާރެއް ފާސްވާ ގޮތަށް އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމަށް އެފަދަ ވޯޓަކަށް ދާން ހުށަހަޅާ ހާލަތުގައި، ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވާންޖެހޭ ގޮތަށް އޮތުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިހްތިޔާރުތައް ހަނިވާނެ ސަބަބެއް ކަމަށްވެސް ބުންޏެވެ.
އަދި މި ބިލު ޤާނޫނަކަށް ވުމުން، އެ ޤާނޫނުގެ ދަށުން ގަވާއިދުތަކަކާއި އުސޫލުތަކެއް ހެދުމަށް ކަނޑައަޅައިފައި އޮތުމާއި، އެއީ ކޮން ކަންކަމުގެ ގަވާއިދާއި އުސޫލު ކަމެއް ބަޔާންކޮށްފައިނެތުމުން، މުޅި ޕްރޮސެސްއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ކަމަށާއި އެ ކޮމިޝަނުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށްވީއިރު، މިއީ ނުސީދާކޮށް ބާރުތައް ނަގައިގެން، މުޅި ޕްރޮސެސްއަށް ނުފޫޒު ހިންގުމުގެ ހީލަތްތެރި ރޭވުމެއްކަން ސާފުކޮށް އެނގޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.