އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް ނިންމައިފި އެވެ.
އައިއޭއީއޭ ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމު ގައެވެ.
މިއީ އައިއޭއީއޭ ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެގޮތުން، އައިއޭއީއޭގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު ޑރ. ސަލްމާ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ތަގުރީރުކުރައްވާފަ އެވެ.
ޑރ. ސަލްމާ ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން އެ އެޖެންސީގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ވިދާޅުވި އެެވެ. އަދި މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އައިއޭއީއޭއަކީ އަސްކަރީ މަގްސަދުތަކަށް ނިއުކްލާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ގާއިމުކުރެވުނު ބައިނަލްއަގުވާމީ ޖަމުއިއްޔާއެކެވެ.