Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ޤަޠަރަށް ދިން ހަމަލާއަކީ އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް

އިޒުރޭލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ކުރިއަށް ދިޔަ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޒުރޭލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޣައްޒާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި މުހިއްމު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް ދޭން ޖެހޭނީ ހަމަލާ ނޫން ކަމަށާއި އެ ގައުމަށް ހައްގު ވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމަށެވެ. އިޒުރޭލުން މަސައްކަތްކުރަނީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ސަރަހައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިޒުރޭލުން ގަތަރަށް ދިން އެ ހަމަލާއަކީ ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރުމާއި، ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިޒުރޭލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއް ކަމަށެވެ. އިޒުރޭލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަވާގްމީ ގާނޫނު ހިންގާން ވާނީ ހުރިހާ ދައުލަތެއްގެ މައްޗަށްވެސް ހަމަހަމަ ގޮތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

"އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނެ. ގަތަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ރޭވިފައިވާ ސިޔާސީ، އިގުތިސާދީ، އަދި ހާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިޒުރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިޒުރޭލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށްވެސް ގޮވާލައްވާފަ އެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިލްތިމާސްކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބޮމުގެ ހަމަލާތައް ހުއްޓުވައި، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭ ކަމަށެވެ. ގާނޫނާއި ޣައިރު ގާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްހަ އާއި ނިރުބަވެރިކަމުން ކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާއުގައްޔާއި، އިސްތިއުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގަށް ގޮވާލައި އަޑުއުފުލަމުން ކަމުގައިވެސް ވިދާޅުވި އެވެ.