ހަމައެކަނި ކުށްވެރިކޮށްގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ނުހުއްޓުވޭނެ ކަމަށާއި ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލަންޖެހޭ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔަ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އަންވަރު ވިދާޅުވީ ހަމައެކަނި ކުށްވެރިކޮށްގެން އިޒްރޭލުގެ ވައިގެ ހަމަލާތައް ނުހުއްޓުވޭނެ ކަމަށާއި އަދި ހަމައެކަނި ބަޔާންތައް ނެރެގެން ފަލަސްތީނަށް މިނިވަންކަމެއް ވެސް ނުލިބޭނެ ކަމަށެވެ.
އޭގެ ބަދަލުގައި އިޒްރޭލާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އިޒްރޭލާއި ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ގައުމުތަކުން ކަނޑާލަންޖެހޭ ކަމަށް އަންވަރު ވިދާޅުވި އެވެ. އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާޒާ ސުންނާފަތިވަމުންދާ ކަމަށާއި އިޒްރޭލުގެ އަނިޔާވެރިކަން ކޮންމެ ގައުމަކާއި ހަމައަށް ވެސް ފޯރުމަކީ އެކަށީގެންވާ ކަމެއްކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން އިޒްރޭލުގެ އަނިޔާވެރިކަން ލުބްނާން، ސީރިއާ، ޔަމަން އަދި އިރާނާއި ހަމައަށް ވެސް ފޯރާފައިވާކަން ފާހަގަކުރައްވަމުން އަންވަރު ވަނީ އިޒްރޭލުން ޖަރީމާތައް ތަކުރާރުކޮށް ހިންގަމުންދާއިރު ވެސް އެގައުމާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ފިޔަވަޅެއް ނޭޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިފަދަ ސަމިޓެއް ބާއްވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެންނެވެ.
އިޒްރޭލުން ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުންތަކެއް މަޝްވަރާކުރަން ތިއްބަ އެވެ. މި ހަމަލާއިން ހަމާސްގެ ލީޑަރުން ސަލާމަތްވި ނަމަވެސް ހަ މީހަކު ޝަހީދުވެފައިވެ އެވެ.