ކޮރަޕްޝާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އަލްބޭނިއާ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަފާދައިވާ ޕްރޮކިއުމަންޓް މިނިސްޓަރަކު އައްޔަންކޮށްފި އެވެ.
މި އަންހެން މިނިސްޓަރުގެ ނަމަކީ 'ޑިއެލާ' އެވެ. މިއީ އޭއައިން ހަދާފައިވާ މީހަކު ގައުމެއްގެ ސަރުކާރަކަށް އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އޭއައި އިން ހަދާފައިވާ މިނިސްޓަރަކު އަލްބޭނިއާގެ ކެބިނެޓަށް އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އަލްބޭނިއާގެ ރައީސް އެޑި ރާމާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ 'ޑިއެލާ' އަކީ ކެބިނެޓް ބައްދަލުވުންތަކުގައި އެހެން މިނިސްޓަރުންނާ އެކު ފެންނަން ނެތަސް ޕްރޮކިއުމަންޓް މިނިސްޓަރަކީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާނެ މިނިސްޓަރު ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ ގޮތުގައި 'ޑިއެލާ' އަކީ 100 ޕަސެންޓް އިތުބާރު ކުރެވޭ މިނިސްޓަރެކެވެ. އެހެންވެ އެ މިނިސްޓަރު ދައުލަތުގެ މާލިއްޔާއާ ގުޅޭ ކަންކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއްވޭތޯ ފާރަވެރިވެ، ދެފުށް ފެންނަ ގޮތަށް މާލީ މުއާމަލާތްތައް ހިންގަން ބާރު އަޅައި އެއްވެސް ގޯހެއް އުޅޭ ނަމަ އެކަން ވީހާ ވެސް އަވަހަކަށް ސަމާލު ކަމަށް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

"ޑިއެލާގެ ސަބަބުން ކޮރަޕްޝަން ނެތް ގައުމަކަށް އަލްބޭނިއާ ހަދަން ކުރެވޭ މަސައްކަތްތައް ހަރުދަނަވާނެ ނަތީޖާ ވެސް ފެންނާނެ." ވެރިކަމުގެ ހަތަރު ވަނަ ދައުރެއް ދާދި ފަހުން ކަށަވަރު ބޮޑުވަޒީރު ވިދާޅުވި އެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ މެންބަރަކަށް ވާން އަލްބޭނިއާ އިިން މަސައްކަތް ކުރަމުން އަންނަ އިރު، އެކަމަށް އެ ގައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވުމެވެ. އެހެންވެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އައްޔަންކުރި އޭއައި މިނިސްޓަރުގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީގައި އެހީގައި ކޮރަޕްޝަން ނައްތައިލަން ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.