Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނޫސްވެރިން މަޖިލިސް ކައިރީ މުޒާހަރާ ކުރަނީ

ނޫސްވެރިންގެ މުޒާހަރާގެ ތެރެއިން. ފޮޓޯ/ ސަން

މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހުން ފާސްކުރަން އުޅޭތީ ނޫސްވެރިން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ބިލު ފާސްކުރަން އުޅޭތީ މިއަދު މުޒާހަރާ ކުރާނެކަން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.

ނޫސްވެރިން އަންނަނީ ބިލާ ދެކޮޅަށް އެ މީހުން ކުރިން ވެސް އަޑު އުފުލަމުން އައި ގޮތަށް އެ ބިލު ބޭރު ކުރުމަށް ގޮވައިލަމުންނެވެ. އަދި ބިލު ފާސްކުރިޔަސް އެއަށް ތަބާނުވާނެ ކަމަށް ނޫސްވެރިން ބުނެ އެވެ.

"މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރަން އެޖެންޑާކުރީ، އެ ބިލާ ދެކޮޅަށް ކޮމިޓީ މަރުހަލާގައި ވެސް ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އިއްޔެ ނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރުމަށް ފަހު އެވެ.

ނޫސްވެރިން މުޒާހަރާ ކުރަމުން މަޖިލިސް އިދާރާ ކައިރިން ނޫސްވެރިން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މުޅި ގްރީން ޒޯން ބަންދުކޮށް ގިނަ އަދަދެެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.