އައްޑޫ މަރަދޫގައި ހުންނަނ "ބޮނޑޮގޭ" ގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާޓް ގެލެރީ އަށް ކިޔާނެ ނަމެއް ހޯދަން ކައުންސިލުން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެހެންވެ ކިޔާ ނަމެއް ހުށަހަޅަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަން ހުށަހަޅާނީ މި ލިންކް forms.gle/9ATNEssex4QAP3BB6 މެދުވެރިކޮށެވެ.
ކައުންސިލުން ބުނެފައި ވަނީ "ބޮނޑޮގޭ" ގައި އާޓް ގެލެރީ ހުޅުވަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މިހާރު ހުރީ ހަމަޖައްސައިފައި ކަމަށެވެ. އަދި އެތަނަށް ކުރެހުންތައް ހުށަހަޅަން ބޭނުންވާ ކުރެހުންތެރިންނަށް އެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
ކުރެހުންތައް ހުށަހަޅަން ޖެހެނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގުތިސާދު" މި ތީމަށެވެ.
މަރަދޫ ބޮޑުމަގުގައި ހުންނަ "ބޮނޑޮގެ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1941 ގައި އައްޑޫގައި ތިބި އިނގިރޭސި ސިފައިން މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތާރީހީ ބިނާއެކެވެ.
އެތަން ވަރަށް ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެކި ކަންކަމަށް ބޭނުން ހިފޭ ގޮތަށް ތަން މަރާމާތުކޮށް ކައުންސިލުން "ބޮނޑޮގެ" ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 11، 2016 ގަ އެވެ.