ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.
އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާ މިނިސްޓަރު ބައްދަލު ކުރެއްވީ ކްރިއޭޓަރުންނަށް ދޭން ނިންމާފައިވާ ލުއި ލޯނަށް ހުޅުވައިލަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާދީއްތަ ދުވަހު އިއުލާން ކުރައްވާފައި ވަނިކޮށެވެ.
އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށް ދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެ ދާއިރާގެ މީހުންނަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލޯނަށް ހުޅުވާލަން އަންގަވައިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލު ކުރެއްވުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދައި އެ ހިޔާލުތަކާ ވީހާ ވެސް އެއްގޮތްވާ ގޮތުގެ މަތީން ލުއި ލޯނު ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސް ޑރ. @MMuizzu ނިންމެވުމާއި ގުޅިގެން، އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދައި އެހިޔާލުތަކާއި ވީހާވެސް އެއްގޮތްވާގޮތުގެމަތީން މިޕްރޮގްރާމް ކުރިއަށްގެންދިއުމުގެ… pic.twitter.com/HrtSgec9mS
— Mohamed Saeed (@em_saeed) September 15, 2025
"މިއީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކުރެވޭ މުހިއްމު މަސައްކަތެއް." އޭނަ ވިދާޅުވި އެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއި މުކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގެ މުހިންމު ވައުދެކެވެ. އެގޮތުން 2030 އަންނަން ވާ އިރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.