ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާތީ އެކަމާ ގުޅުވައިގެން ހުޅުމާލޭގައި އިއްޔެ އިންޑިއާގެ އެމްބަސީން ގަސްތަކެއް އިންދައިފި އެވެ.
ސެންޓްރަލް ޕާކްގައި އިންދާފައި ވަނީ 60 ގަހެވެ.
މި ހަރަކާތުގައި އެމްބަސީގެ ފަރާތުން އިސްކޮށް ހުންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމެވެ.
ގަސް އިންދަން ބޭއްވި ހަަރަކާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާ އެމްބަސީން ހުޅުމާލޭގައި ގަސް އިންދީ ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން އެޗްޑީސީން ކުރިއަށް ގެންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.